Maldives Meteorological Service
Mon, 26 September

މޫސުމާބެހޭ މަސައްކަތު ބައްދަލުވުން

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް އާއި ދުނިޔޭގެ މޫސުމާއި ބެހޭ ޖަމްއިއްޔާ WMO)) އާއި ގުޅިގެން ރާއްޖޭގައި " އިމްޕެކްޓް ބޭސްޑް ފޯކާސްޓް " އާއި ބެހޭ މަސައްކަތު ބައްދަލުވުމެއް 26 ސެޕްޓެމްބަރުން 28 ސެޕްޓެމްބަރުގެ ނިޔަލަށް ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ. 3 ދުވަހަށް ދެމިގެންދާ މި މަސައްކަތުބައްދަލުވުމަކީ ރާއްޖޭގައި "އިމްޕެކްޓް-ބޭސްޑް ފޯކާސްޓް" ގެ ޚިދުމަތް ކުރިއަށް ގެންދެވިދާނެ ގޮތްތައް ދެނެގަނެ އެމަސައްކަތް ފެށުމަށް އެހީތެރިވުމުގެ ގޮތުން ދުނިޔޭގެ މޫސުމާއި ބެހޭ ޖަމިއްޔާގެ ފުރިހަމަ އެހީތެރިކަމާއެކު ރާއްޖޭގައި ބޭއްވޭ މިފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ.

މިބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މޫސުމާ ގުޅުންހުރި މޫސުމީ ކާރިސާތަކުން ދިމާވާނުރައްކާތައް  ދުރާލާ ލަފާކުރުމަށް ވާންޖެހޭ ތައްޔާރީތައް ވުމެވެ. މިގޮތުން މިމަސައްކަތު ބައްދަލުވުމުގައި "އިމްޕެކްޓް މެޓްރިކްސް އަދި މިޓިގޭޝަން އެޑްވައިސް މެޓްރިކްސް ތައްޔާރު ކުރެވޭނެއެވެ."އިމްޕެކްޓް-ބޭސްޑް ފޯކާސްޓް" ކުރަން ދުނިޔޭގައިވެސް ފެށިފައިވަނީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގައި ހަރަކާތްތެރިވާ ބޭފުޅުންނާއި ޢާންމު ރައްޔިތުންނަށްވެސް މި ފަދަ ފޯކާސްޓުގެ ބޭނުން ހިފައިގެން ލިބޭ ގެއްލުން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފަސޭހަވެގެން ދާނެތީއެވެ.މޫސުން ކުރިޔަށް ލަފާކުރުމަކީ "އިމްޕެކްޓް-ފޯކާސްޓް" ގެ އެއްބައެވެ. އެހެންކަމުން މޫސުން ކުރިއަށް ލަފާކުރާ ފެންވަރު ރަނގަޅު ކުރުމަކީ މި ޚިދުމަތް ފުރިހަމަގޮތުގައި ދިނުމަށް ވަރަށް މުހިންމު ކަމެކެވެ.

މަސައްކަތު ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮއްދެއްވާނީ މިނިސްޓަރ އޮފް އެންވަޔަރމެންޓް އެންޑް އެނާރޖީ އޮނަރަބަލް ތާރިގް އިބްރާހިމް އެވެ.

މަސައްކަތު ބައްދަލުވުމުގައި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއާއި ޑަބްލިޔޫ.އެމް.އޯގެ އިތުރުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއިއެމް.އެން.ޑީއެފް އަދި ކަމާގުޅުންހުރި އޮފީސްތަކާއި، ކުންފުނިތަކާއި، ބައެއް މީޑިއާތަކާއި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަންދޫބުން ބައިވެރިވާނެއެވެ.

 

25 ސެޕްޓެމްބަރ 2016