Maldives Meteorological Service
Sun, 27 November

ރާއްޖޭގެ ޑޮމެސްޓިކް އެއާރޕޯރޓްތަކުގައި އެއާރޕޯރޓް ވެދަރ އިންފޮރމޭޝަން ސިސްޓަމް (އަވިސް) ހަރުކުރުމުގެ އެއްބަސްވުންތަކުގައި ސޮއި ކުރައްވައިފި

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް އެއާރޕޯރޓްތަކުގައި، އެއާރޕޯރޓް ވެދަރ އިންފޮރމޭޝަން ސިސްޓަމް (އަވިސް) ސްޓޭޝަންތަކެއް ހަރުކުރުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއާއި އެއާރޕޯރޓްތައް ހިންގަވާ ކުންފުނިތަކާއި ދެމެދު އެއްބަސްވުންތަކެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ ޠާރިޤް އިބްރާހީމެވެ. އެއާރޕޯރޓްތަކުގެ ފަރާތުން ސޮއިކުރެއްވީ އެ އެއާރޕޯރޓެއް ހިންގުމާ ޙަވާލުވެތިއްބެވި އެންމެ އިސްވެރިންނެވެ.

 އެންވަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ، މިސިސްޓަމްތައް ހަރުކުރެވުމުން، އެ އެއަރޕޯޓަކަށް ޖައްސާ މަތިންދާ ބޯޓަށް ބޭނުންވާ މުހިންމު މޫސުމާއި ބެހޭ މައުލޫމާތުތައް ވަގުތުން ފޯރުކޮށްދެވިގެން ދާނެކަމަށެވެ. މިކަމުގެ ސަބަބުން މޫސުން ލަފާ ކުރުމަށާއި މޫސުމާއިބެހޭ އޮފީހުން އެއްކުރާ މޫސުމީ މަޢުލޫމާތުތަށް ހޯދުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

 މިޕްރޮޖެކްޓުގެ ދަށުން އެއްބަސްވުން ޤާއިމްކުރެވުނު ފަރާތްތަކަކީ، އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑް، ރީޖަނަލް އެއާޕޯރޓްސް، އައްޑޫ އިންޓަނޭޝަނަލް އެއާޕޯރޓް ޕވޓ ލޓޑ، ޕްރިސްޓީން އައިލޭންޑްސް އިންވެސްޓްމަންޓް (މޯލްޑިވްސް) ޕވޓ ލޓޑ، ވިލާ އެއާރ ޕވޓ ލޓޑ އަދި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕަނީ ޕވޓ ލޓޑ އެވެ.

  އެއާރޕޯރޓްތައް ހިންގަވާ ކުންފުނިތަކުގެ އެހީއާއިއެކު، ހަރުކުރުމުގެ ހުރިހާ މަސައްކަތެއް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްގެ ޓެކްނީޝަނުން ކުރުމަށް ހަމަޖެހިފައިވާ މިޕްރޮޖެކްޓުގެ މަޤްޞަދަކީ ރާއްޖޭގެ 11 އެއާޕޯރޓްތަކަށް ބޭނުންވާ މޫސުމީ މަޢުލޫމާތު، އެއެއާޕޯރޓަކަށް ވަގުތުން ވަގުތަށް ފޯރުކޮށްދިނުމާއިއެކު، މެޓް އޮފީހުގެ ފަރާތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ މޫސުމާއިބެހޭ މަޢުލޫމާތު ހޯދާ ދެނެގަތުމުގެ ވިޔުގަ އިތުރަށް ފުޅާކުރުމެވެ. މީގެ ސަބަބުން މެޓް އޮފީހުން ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު މަތިވެ، އާންމުން ޤަބޫލުކުރާ އިތުބާރުހުރި މަޢުލޫމާތު ލިބުމަށް މަގުފަހިވާނެއެވެ. މިޕްރޮޖެކްޓް 2017 ވަނަ އަހަރުގެ ދުނިޔޭގެ މޫސުމާއިބެހޭ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ލަފާކުރެވެއެވެ.