Maldives Meteorological Service
Thu, 17 March

ދިވެހިރާއްޖޭގެ ހޫނުމޫސުން

              އިރުވައި މޫސުމުގެ ދުވަސްވަރަކީ ދިވެހިރާއްޖޭގައި ޢާންމުކޮށް ވާރޭމަދު، ހޫނުކަންގަދަ ދުވަސްވަރެކެވެ. މޭއި މަހު، ހުޅަނގު މޫސުމުގެ ވިއްސާރަކުރަން ފެށުމާހަމައަށް ހޫނުގަދަ ދުވަސްތަކާއި ރޭތައް ދެމިގެންދެއެވެ.  ރާއްޖޭގައި މޫސުމީ މައުލޫމާތު އެއްކޮށް ބަލަންފެށިފަހުން އެންމެހޫނު ގަދަވެފައިވަނީ 1998 ވަނައަހަރު އޭޕްރީލް މަސްތެރޭގައެވެ. އެމަހު ފިނިހޫނުމިން އެވްރެޖްކޮށްހުރީ 30.4 ޑިގްރީ ސެލްސިއަސްގައެވެ. އަދި އެދުވަސްވަރަކީ މޫސުމަށް ބަދަލުގެންނަ ނިޒާމް އެލްނީނޯއެއްގެ ބާރުގަދަކަން ދުނިޔެ ތަޖުރިބާކުރި ދުވަސްވަރެކެވެ. އެލްނީނޯގެ ސަބަބުން ކަނޑު ހޫނުވެ އޭގެސަބަބުން ރާއްޖޭގެ މޫސުމީ ނިޒާމަށް ތަފާތު އަސަރު ކުރިއެވެ. އޭގެ ފަހުން، 2015 ވަނައަހަރު އަނެއްކާވެސް ބާރުގަދަ އެލްނީނޯއެއް އުފެދި މިއަދާ ހަމައަށްވެސް އެދަނީ އޭގެ ބާރުފޯރަމުންނެވެ. އާދަޔާ ޚިލާފަށް ހޫނުގަދަވާކަން ދުނިޔޭގެ އެކި ގައުމުތަކުން ވަނީ ހާމަކޮށްފައެވެ. ފެބުރުވަރީމަހު ދުނިޔޭގެ އާންމުފިނިހޫނުމިނަށްވުރެ 1.35 ޑިގްރީ ސެލްސިއަސް 2016 ވަނައަހަރު ފެބުރުވަރީމަހު ދުނިޔޭގެ ހޫނުމިން މައްޗަށް ދިޔަކަމަށް ނާސާ އިން ހާމަކޮށްފައި ވެއެވެ.   ދިވެހިރާއްޖޭގެ ހުސްވި ފެބުރުވަރީމަހުގެ ހޫނުމިން 0.7 ޑިގްރީ ސެލްސިއަސް ވަނީ މަތިވެފައެވެ. ފަހުގެ އަހަރުތަކުގައި ހޫނުމިން މައްޗަށްދިއުމާއި އެލްނީނޯ ބާރުގަދަވުމަކީ، ވިހަގޭހުގެ ސަބަބުން ޖައްވު ހޫނުވުމާ ކަނޑުގެ ލޮނުގަޑު އުފުލުންފަދަ މޫސުމީ ބަދަލުތަކާގުޅިފައިވާ ހާދިސާތައް ކަމަށް ކްލައިމެޓޮލޮޖިސްޓުން ހާމަކުރެއެވެ. މާރިޗް އޭޕްރީލް މަހަކީވެސް ރާއްޖޭގައި ހޫނުކަން ގަދަ މައްސަރުތަކެވެ. ވުމާއެކު، އަތްވާ ހޫނުން ރައްކާތެރިވެތިބުމަށް ދަންނަވަމެވެ.

މިހާތަނަށް ހޫނު އެންމެމަތި ވީ : މާރިޗް މަހު  35.4 ، އޭޕްރިލް މަހު 34.6 ޑިގްރީ ސެލްސިއަސް އަށެވެ.

                                            17 މާރިޗް 2016