Maldives Meteorological Service
Thu, 04 August

ބ. އަތޮޅުގެ ދެރަށެއްގައިިިިިިިި އޯގަސްޓް 1 އިން 3 އަށް މޫސުމާއި ބިންހެލުން އަދި ސުނާމީ އާއިބެހޭ މަސައްކަތު ބައްދަލުވުމެއް ފަށައިފި

އައްސޭރިފަށުގައިވާ ބިންތިރި ހިސާބުތަކަށް ސުނާމީއާއި އުދައެރުން އަދި ކަނޑުގެ ލޮނުގަނޑު އުފުލުން ނުވަތަ އެނޫންވެސް ޤުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (MMS) އިން ނޭޝަނަލް ސެންޓަރ ފޯރ އިންފޮރމޭޝަން ޓެކްނޮލޮޖީ (NCIT) ގެ އެހީތެރިކަމާއިއެކު އެސެންޓަރގެ ފަރާތުން "އީ-ސެންޓަރ" ޤާއިމުކޮށްފައިވާ ރަށްތަކުގެ ތެރެއިން ބ.އަތޮޅުގެ ދެރަށެއްގައި އޯގަސްޓް 01 އިން 03 އަށް ހިންގާ މޫސުމާއި ބިންހެލުން އަދި ސުނާމީއާއިބެހޭ މަސައްކަތު ބައްދަލުވުން އިއްޔެ ފަށައިފިއެވެ.

މިމަސައްކަތު ބައްދަލުވުމުގައި އެއަތޮޅު ގޮއިދޫއާއި މާޅޮހުގައި ވޯރކްޝޮޕްތަކެއް ބޭއްވޭނެއެވެ. މިވޯރކްޝޮޕްތަކުގައި މޫސުމާއި ޤުދުރަތީ ކާރިސާތަކާއި ބެހޭގޮތުން މަޝްވަރާކުރުމުގެ އިތުރުން 3 ކަރުދާހެއް ހުށައެޅޭނެއެވެ. އެއީ މޫސުން ކުރިއަށް ލަފާކުރާގޮތާއި އޭގައި ބޭނުންކުރެވޭ ބަސްމަގާއިބެހޭ ކަރުދާހަކާއި، މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ކަރުދާހަކާއި އަދި ބިންހެލުމާއި ސުނާމީއާއި ބެހޭ ކަރުދާހެކެވެ. އަދި ކޮންމެ ރަށެއްގައިވެސް އެރަށަކަށް ދިމާވާ ޤުދުރަތީ ކާރިސާތަކާއި ބެހޭގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާ ކުރެވޭނެއެވެ.

މީގެއިތުރުން ސްކޫލް ކުދިންނަށާއި ބެލެނިވެރިންނަށް މޫސުން ކުރިއަށް ލަފާކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާއި އަދި ބިންހެލުމާއި ސުނާމީއާއި ބެހޭގޮތުން މަޢުލޫމާތު ދެވޭނެއެވެ. މިޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާނީ މޯލްޑިވްސް މީޓޮއޮރޮލޮޖިކަލް ސަރވިސްގެ ފަންނީ  ބޭފުޅުންނެވެ.