Mon, 27 April

ރާއްޖޭގައި ބޭއްވޭ ފުރަތަމަ ކުލައިމެޓް އައުޓްލުކް ފޯރަމް


ކުލައިމެޓް އައުޓް ލުކް ފޯރަމް އަކީ ސަރަޙައްދީ އަދި ޤައުމީ ފެންވަރުގައި ވަރަށް ގިނަ ޤައުމުތަކުގައި ބާއްވާ ބައްދަލުވުމެކެވެ. މިފަދަ ބައްދަލުވުން ތަކުގެ މައިގަނޑު މަޤްޞަދަކީ މޫސުމާބެހޭ ސައިންޓިފިކް މަޢުލޫމާތު ޢާއްމުނަށް ބޭނުންހިފޭނޭގޮތަށް ބަށްޓަންކޮށް އެމަޢުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމެވެ.

ރާއްޖޭގައި މިއަދު މި ބޭއްވޭ ފުރަތަމަ ނޭޝަނަލް ކްލައިމެޓް އައުޓްލުކް ފޯރަމް (NCOF) އަކީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އާއި ދުނިޔޭގެ މޫސުމާއިބެހޭ ޖަމްޢިއްޔާ އަދި ރީޖަނަލް މަލްޓިހެޒާރޑް އާރލީ ވޯނިން ސިސްޓަމް ގުޅިގެން 2 ދުވަހުގެ މުއްދަތައް (26 އަދި 27 އޭޕްރީލް 2015) ބާއްވާ ފޯރަމްއެކެވެ. މި ފޯރަމްގައި ދިގުމުއްދަތަށް މޫސުން އޮންނާނެގޮތާއި ބެހޭ މަޢުލޫމާތު ހިއްސާ ކުރުމަށް ޑަބްލިޔު.އެމް.އޯ އާއި ރައިމްސް ގެ ކަމާއިބެހޭ މާހިރުން އަދި މޫސުމާއި ބެހޭ މަޢުލޫމާތުގެ ބޭނުންހިފާ ރާއްޖޭގެ އެކިސަރަޙައްދުތަކުގެ ތަފާތު ދާއިރާތަކުން ބޭފުޅުން ބައިވެރިވެފައިވެއެވެ.


މި ފޯރަމްގެ ސަބަބުން މޫސުމާއިބެހޭ މަޢުލޫމާތުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށްޓަކައި މަޢުލޫމާތު ފޯރުކޮށްދޭ ފަރާތާއި ބޭނުންކުރާ ފަރާތްތަކާއި ދެމެދު އެކަށީގެންވާ ގުޅުމެއް ގާއިމް ކުރެވިގެންދާނެއެވެ. މަޢުލޫމާތުގެ ބޭނުންޖެހިފައިވާ ފަރާތަތްކަށް ފަސޭހައިން ލިބިގަނެވޭ ގޮތްތަކެއް ކަނޑައެޅިގެންދާނެއެވެ. ލިބޭމަޢުލޫމާތަކީ ފަހުމްވާފަދަ ގޮތަކަށް އެކުލަވާލެވިފައިވާ އަދި އޭގެ ބޭނުން ހިފޭނޭ އެއްޗެއްކަމުގައި ވެގެންދާނެއެވެ. މޫސުމާއި ގުޅިގެން ދިމާވާ ނުރައްކާތައް ކުޑަކުރުމަށްޓަކައި މޫސުމީމަޢުލޫމާތުގެ ބޭނުން ކުރެވޭނެ ދާއިރާތަކުން އެމަޢުލޫމާތުގެ ބޭނުން ހިފޭނޭ ގޮތްތަކާއިމެދު މަޝްވަރާކުރެވިގެން ދާނެއެވެ. ވޭތުވެދިޔަ ތަނުގައި ހިނގާފައިވާ މޫސުމީ ނުރަށްކާތަކާއި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި އަދި މުސްތަޤުބަލުގައި ކުރިމަތިވެދާނެ ގެއްލުންތައް ހިއްސާކުރެވިގެންދާނެއެވެ.