Tue, 26 May

ދުނިޔޭގެ މޫސުމާއިބެހޭ ޖަމްޢިއްޔާ ގެ 17 ވަނަ މީޓިއޮރޮލޮޖިކަލް ކޮންގްރެސް

އަވަހަށް އާބާދުވަމުންދާ ދުނިޔޭގައި ކާރިޘާތަކާއިބެހޭ ފެންވަރުރަނގަޅު މަޢުލޫމާތު ދުރާލާ އަވަސް ފުރުޞަތެއްގައި ފޯރުކޮށްދިނުމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޢަބްދުﷲ މަޖީދު ގޮވާލައްވާއިފި.

 އިއްޔެ ސްވިޓްޒަލެންޑް ގެ ޖެނީވާގައި ފެށުނު ދުނިޔޭގެ މޫސުމާއިބެހޭ ޖަމްޢިއްޔާ (WMO) ގެ 17 ވަނަ މީޓިއޮރޮލޮޖިކަލް ކޮންގްރެސްގެ ހައިލެވެލް ސެގްމެންޓްގައި ދިވެހިރާއްޖޭގެ ފަރާތުން ވާހަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް ޢަބްދުﷲ މަޖީދު ވިދާޅުވީ 2050 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އާބާދީގެ 70 ޕަސެންޓް ދިރިއުޅޭނީ ބޮޑެތި ރައްރަށުގައި ކަމަށްވާތީ ފެންވަރު ރަނގަޅު، ކާރިޘާތަކާއި ބެހޭ މަޢުލޫމާތު ދުރާލާ އަވަސް ފުރުސަތެއްގައި ފޯރުކޮށްދިނުމަށް ގޮވާލައްވާފިއެވެ. އަދި މިއީ ދުނިޔޭގެ ގައުމުތަކުގެ މޫސުމާއިބެހޭ އިދާރާތަކަށް ބޮޑު ގޮންޖެހުމަކަށްވާނެތީ ދުނިޔޭގެ މޫސުމާއިބެހޭ ޖަމްޢިއްޔާ އިން މިކަމަށް މަގުފައިކޮށްދީ، އިންތިޒާމްތައް ކުރުމަށްވެސް ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި ބާރުއެޅުއްވި.

            މިއަހަރަކީ ދުނިޔޭގެ ދެމެހެއްޓެނިވި ތަރައްޤީއާއި ބެހޭ އާ ލަނޑުދަނޑިތަކެއް އ.ދ އިން ކަނޑައަޅާ ޖައްވުގެ ތެރެއަށް ބޭރުކުރަމުންދާ ވިހަ ގޭސް ކޮންޓްރޯލް ކުރުމާއި ބެހޭ އާ މުޢާހަދާއެއްގެ މައްޗަށް މިއަހަރުގެ ޑިސެމްބަރ މަހު ޕެރިހުގައި ބޭއްވޭ މޫސުމާއިބެހޭ ޖަލްސާގައި އެއްބަސްވެވޭނެ އުންމީދުތައް އާވެފައިވާ އަހަރެއްކަމަށްވެސް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވި.

 

ވޯލްޑް މީޓިއޮރޮލޮޖިކަލް ކޮންގްރެސްގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޢަބްދުﷲ މަޖީދުގެ އަރިހުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް މީޓިއޮރޮލޮޖީ އަލްފާޟިލް ޢަލީ ޝަރީފު ބައިވެރިވެވަޑައިގަންނަވާ