Thu, 19 May

މޫސުމާ ބެހޭ ޚަބަރު

މޫސުމާ ބެހޭ ޚަބަރު

މި ހިގާ މެއި މަހު 9 ވަނަދުވަހު ރާއްޖޭގެ އިރުމަތީގައި އުފެދުނު ކޮޅިގަނޑު މަޑުމަޑުން އުތުރަށް ދަތުރުކޮށް ސްރީލަންކާ ފަހަނައަޅާ މިހާރުވަނީ އިންޑިޔާގެ އިރުމަތީ އައްސޭރިފަށާކައިރިން އުތުރު ބަންގާޅުކަނޑު ސަރަޙައްދުގައެވެ.

މި ކޮޅިގަނޑާ ގުޅިގެން އުފެދުނު ބޯވިއްސާރަވިލާތައް ވޭތުވެދިޔަ 10 ވަރަކަށްދުވަހު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަރާ ގަދަވަޔާއެކު ގުގުރާ ވިއްސާރަކޮށްފައިވެއެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނުކަމަށް ރެކޯޑުކުރެވުނީ ތ. ވޭމަނޑުއަށް 170 މިލިމީޓަރުގެ ވާރޭ އެވެ. މީގެއިތުރުން ލ. ކައްދުއަށް 107 މިލިމީޓަރު އަދި ހުޅުލެއަށް 91 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް ރެކޯޑުތަކުން ދައްކައެވެ. ވޭތުވެދިޔަ 24 ގަޑިއިރު ވައި އެންމެ ގަދަވިކަމަށް ރެކޯޑުކުރެވުނީ ގަޑިއަކު 52 މޭލު ބާރުމިނުގައި އަައްޑުއަތޮޅު ގަމަށެވެ.

މިދެންނެވި ކޮޅިގަނޑު އިތުރަށް ބާރުގަދަވެ މިއަދު ވަނީ ތޫފާނަކަށް ބަދަލުވެފައެވެ. އަދި ތޫފާނުގެ ނަމަކަށް ދީފައިވަނީ "ރޯނު" އެވެ. މިއީ ދިވެހި ނަމެކެވެ. ބަންގާޅުކަނޑުގައި އިން މި ތޫފާނު "ރޯނު" އުތުރަށް ރާއްޖެއާއި ދުރަށް ދަތުރުކުރާނެކަމަށް ލަފާކުރެވެއެވެ.

ކުރިއަށްއޮތް 24 ގަޑިއިރަށް ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކޮށް އަދި ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހޭނެއެވެ. ވައިޖެހޭނީ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދުގުބާރުމިނުގައި އަދި އެހޭންހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެބާރުމިނުގައި، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 50 މޭލާއި 55 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ. ރާއްޖޭގެ ކަނޑުތަށް އާއްމުގޮތެއްގައި ގަދަވާނެއެވެ. ވީމާ ހުރިހާ ފަރާތްތަކުން އަދި ޙާއްސަގޮތެއްގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްދަންނަވަން.

19  މެއި 2016