ހއ. އިހަވަންދޫ ސްކޫލުގެ ޔަންގް ފިސަރސް ކްލަަބަށް ހިންގުނު މޫސުމީ މައުލޫމާތު ސެޝަން.

އަންގާރަ, 4 އޮކްޓޯބަރު 2022

ހުސްވި ހަފްތާތެރޭ ދިވެހި މަސްވެރިންގެ ޖަމިއްޔާއިން، ދިރާގު އެހީތެރިކަމާއެކު، އިސްނަގައިގެން ހއ. އިހަވަންދޫ ސްކޫލުގައި ޔަންގް ފިޝަރސް ކްލަބް އިފްތިތާޙުކުރުމުގައި މިސާރވިސްއިން އެހީތެރިކަންފޯރުކޮށްދެވުނެވެ. އެގޮތުން މޫސުމާއި ބެހޭ ހޭލުންތެރިކަމުގެ ޝެޝަންތަކުގެ އިތުރުން ސްކޫލުގައި އޮޓަމެޓިކް ވެދަރ ސްޓޭޝަނެއް ހަރުކުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދެވުނެވެ.

ޔަންގް ފިޝަރސް ކްލަބްގެ 52 ދަރިވަރުންނަށް ހިންގުނު މޫސުމާ ބެހޭ ހޭލުންތެރިކުރުމުގެ ޝެޝަންތަކުގައި މޫސުމީ ނިޒާމުތައް އުފެދި ދައުރުވާގޮތާއި، ރާއްޖޭގެ މޫސުމާއި މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ އިތުރުން، މޫސުމީ މައުލޫމާތު އެއްކުރާގޮތުގެ ތަފްސީލުތައް ފޯރުކޮށްދެވުނެވެ. މީގެއިތުރުން ދަރިވަރުންނާއެކު އޮޓަމެޓިކް ވެދަރ ސްޓޭޝަންއިން މައުލޫމާތުނަގައި އެއްކުރުމާއި އެމައުލޫމާތުގެ މައްޗަށް ކޮންމެމަހަކު ރިޕޯޓެއް ތައްޔާރުކޮށް މިސަރވިސަށް ހިއްސާކުރާނެގޮތުގެ މައުލޫމާތު މުދައްރިސުންނަށް ހިއްސާކުރެވުނެވެ.

މިއީ ރާއްޖޭގެ ސްކޫލެއްގައި މުޅިންއަލަށް މަސްވެރިކަމުގެ ސިނާޢަތަށް އަމާޒުކޮށްގެން ފެށުނު މިފަދަ ހަރަކާތެކެވެ. މިހަރަކާތް އިފްތިޙާކުކޮށްދެއްވީ 30 ސެޕްޓެމްބަރ 2022 ދުވަހު މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަންނެވެ. މޫސުމީ މައުލޫމާތުގެ އިތުރުން، ނިޔަމިކަމާއި މަސް ބޭނުމަށްފަހު ކެއްކުމާއި ހިއްކުން އަދި އެކި ބާވަތްތައް ތައްޔާރުކުރުމާއި އަދި މިނޫންވެސް  މަސްވެރިކަމާ ގުޅުންހުރި އެހެން ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.