ޔުނައިޓެޑް ނޭޝަންސް މަލްޓިޕާޓީ ޓްރަސްޓް ފަންޑު (UNMPTF) އަދި ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (WMO) ގުޅިގެން އުފައްދާފައިވާ ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީ (SOFF) ގެދަށުން ރާއްޖޭގެ މޫސުމާބެހޭ ބައެއް އޮބްޒަވޭޝަން ސްޓޭޝަންތައް ގްލޯބަލް ބޭސިކް އޮބްޒަވޭޝަން ނެޓްވޯކް (GBON) ގެ ފެންވަރަށް އަޕްގުރޭޑް ކުރުމަށް މިއޮފީހާއި ޔުނައިޓެޑް ނޭޝަން އެންވަޔަރުމެންޓް ޕުރޮގްރާމު (UNEP) އާއި ގުޅިގެން ހިންގޭ ޕުރޮޖެކްޓް ގެ އަމަލީމަސައްކަތް ފެށުމުގެގޮތުން 2025 ޖޫން 3 ވަނަ ދުވަހު މަސައްކަތު ބައްދަލުވުމެއް ބޭއްވުނެވެ. މިއީ 4 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދެވޭ ޕުރޮޖެކްޓެކެވެ. މި ޕުރޮޖެކްޓްގެ ދަށުން ރާއްޖޭގައި މިހާރު ޤާއިމުކުރެވިފައިވާ 4 މެޓް އޮފީހުގައި ބެހެއްޓިފައިވާ މޫސުމާބެހޭ އާލާތްތަކުގެ ފެންވަރު ރަނގަޅުކުރެވި އިތުރު މެޓް އޮފީހެއް ނ.މާފަރުގައި ޤާއިމު ކުރެވިގެންދާނެއެވެ. މީގެ އިތުރުން އައްޑޫސިޓީ ގަމުގައި ޤާއިމުކުރެވިފައިވާ ވައިގެ މަތީ ފަށަލަތަކުން މޫސުމާބެހޭ މަޢުލޫމާތު އެއްކުރާ ނިޒާމު (ރޭޑިއޯސޮންޑޭ) މަރާމާތުކޮށް އަލުން ބޭނުންކުރަން ފެށޭނެއެވެ. އަދި މޫސުމާބެހޭ ވިއުގަ ރަނގަޅުފެންވަރުގައި ދެމެހެޓުމަށް ބޭނުންވާ ތަކެއްޗާއި ތަމްރީން ޕުރޮގްރާމުތައްވެސް މި ޕުރޮޖެކްޓްގެ ތެރެއިން ކުރިއަށް ގެންދެވޭނެއެވެ. މީގެ ސަބަބުން ރާއްޖޭގެ މޫސުންބަލާ ވިއުގައިގެ ފެންވަރު ރަނގަޅުވެ ދުރާއިންޒާރުދޭ ނިޒާމު އިތުރަށް ހަރުދަނާވުމުގެ އިތުރުން ދުނިޔޭގެ މޫސުމާބެހޭ އޮބްޒަވޭޝަން ނެޓްވޯކަށް ރާއްޖޭން ފޯރުކޮށްދޭ މުސުމާބެހޭ މަޢުލޫމާތުގެ ފެންވަރުވެސް އިތުރަށް ރަނގަޅުވެގެންދާނެއެވެ. މި މަސައްކަތު ބައްދަލުވުމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އާއި ޔުނައިޓެޑް ނޭޝަން އެންވަޔަރުމެންޓް ޕުރޮގްރާމު (UNEP) ގެ އިތުރުން ފަންނީ ލަފާދޭ ބައިވެރިއެއްގެ ގޮތުން ފިންނިޝް މީޓިއޮރޮލޮޖިކަލް އިންސްޓިޓުއްޓް (FMI) އާއި ރީޖަލަނަލް މަލްޓި ހަޒާޑް އާލީވޯނިންސިސްޓަމް ފޯ އޭޝިޔާ އެންޑް އެފްރިކާ (RIMES) އަދި ރާއްޖޭ ކަމާގުޅުންހުރި ބައެއް މުވައްސަސާތައް ހިމެނޭހެން 40 ބޭފުޅުން ބައިވެރިވިއެވެ.