މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް ގެ ކުލައިމެޓް ޗޭންޖް ޑިޕާޓްމެންޓް ގުޅިގެން "މޮންސޫން ފޯރަމް" ސިލްސިލާގެ 9 ވަނަ ބައްދަލުވުން 17 އޭޕްރިލް 2025 ވީ ބުރާސްފަތި ދުވަހު އައްޑޫ ސިޓީ ގަމުގައި ކުރިއަށް ގެންދެވުނެވެ. މި ފޯރަމް ބޭވުނީ ޔުނައިޓެޑް ނޭޝަންސް އެންވަރުމެންޓް ޕުރޮގްރާމް (ޔުނެޕް) އަދި ގުރީން ކުލައިމެޓްފަންޑް (ޖީ.ސީ.އެފް) ގެ އެހީތެރިކަމާއެކުގައެވެ. ޓެކްނިކަލް ޕާޓްނަރުންގެ ގޮތުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެން އޮތޯރިޓީ (އެން.ޑީ.އެމް،އޭ) އަދި ރީޖަނަލް މަލްޓި ހަޒާޑް އާލީ ވޯނިން ސިސްޓަމް ފޯ އޭޝިޔާ އެންޑް އެފްރިކާ ( ރައިމްސް) ބައިވެރިވިއެވެ.
މޮންސޫން ފޯރަމަކީ މޫސުމާބެހޭ މަޢުލޫމާތު ބޭނުންކުރާފަރާތްތަކާ އެކުގައި މަޝްވަރާކޮށް އެ މަޢުލޫމާތު އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތުދީ ޚިޔާލު ބަދަލުކުރުމަށް ބޭއްވޭ ބައްދަލުވުމެކެވެ. އަދި މޫސުމާ ގުޅިގެން ދިމާވެދާނެ އަރައްކާތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމާއި މިހާރު ފޯރުކޮށްދޭ މޫސުމާބެހޭ މަޢުލޫމާތު އިތުރަށް މުއްސަދި ކުރުމާއި އިތުރަށް ބޭނުންވާ މަޢުލޫމާތު ދެނެގަނެ އެކަން ކުރެވިދާނެ ގޮތްތަކާބެހޭ ގޮތުން ވެސް ބައިވެރިންގެ މެދުގައި މަޝްވަރާކުރުމަށް ކުރިއަށްގެންދެވުނު ބައްދަލުވުމެކެވެ.
މި ފޯރަމް ޝަރަފްވެރި ކޮށްދެއްވައި ފަށްޓަވައި ދެއްވީ ސްޕެޝަލް އެންވޮއީ ފޯ ކުލައިމެޓް ޗޭންޖް އަލްފާޞިލް އަލީ ޝަރީފެވެ. މިފޯރަމްގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް، ކުލައިމެޓްޗޭންޖް ޑިޕާޓްމެންޓް، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެން އޮތޯރިޓީ (އެން.ޑީ.އެމް،އޭ)، ރީޖަނަލް މަލްޓި ހަޒާޑް އާލީ ވޯނިން ސިސްޓަމް ފޯ އޭޝިޔާ އެންޑް އެފްރިކާ ( ރައިމްސް) އަދި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ސަރުކާރާއި ބައެއް ކުންފުނި އަދި ބައެއް ޖަމިއްޔާ ޖަމާއަތްތައް ހިމެނޭހެން 52 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.